މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) ގެ އައު އިމާރާތެއް ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، (ވެމްކޯ)އާ ހަވާލުކޮށްފިއެވެ.

މެޓް އޮފީހުގެ އައު އިމާރާތެއް ތަރައްޤީކުރަނީ ރާއްޖޭގެ މޫސުމާބެހޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ޒަމާނީ ކުރުމުގެ ބޭނުމުގައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫޢަކީ އާލީ ވާރނިން ފްރޭމްވޯކް އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިންމު ބައެއްކަމަށެވެ.

މިއީ މޫސުމީ މައުލޫމާތު ދިނުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ މައުލޫމާތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި މަސައްކަތުގެ ސަބަބުން ގަން އިންޓަރނޭޝަނަލް އެއާޕޯޓާއި، އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކުގެ މޫސުމާބެހޭ މައުލޫމާތު އިތުރަށް ސީދާކޮށް، އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މީގެ ކުރިން ވިދާޅުވެފައިވަނީ އައްޑޫސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ރާއްޖޭގައި މިހާރު ވެދަރ ރާޑަރެއް ބަހައްޓާފައި ހުރީ ހުޅުލޭގައި ހުންނަ މޫސުމާ ބެހޭ ޤައުމީ އިދާރާގައެެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރ ނެޓްވޯކަކުން ގުޅާލުމަކީ ކުރެވޭ އުންމީދެއްކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.