އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުޙަލާގައި ބޭނުންވާ ގަރާޖު ހުއްދަ ނެގުމުގައި ލުއިދޭގޮތަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ގަރާޖު ލާޒިމްކުރުމުގެ ކުރިން (2009 ވަނަ އަހަރުގެ ކުރިން) ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި ގަރާޖު ލާޒިމްކުރި ފަހުންވެސް ޞައްޙަ ގަރާޖަކާ ނުލައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި، އިތުރު ގަރާޖު ލިޔުމަކާ ނުލައި އެ އުޅަނދު މިހާރު ރަޖިސްޓްރީކޮށްފައިވާ ޒޯނުގެ ތެރޭގައި ވެރިފަރާތް ބަދަލުކޮށްދޭގޮތަށް ނިންމާފައިވާކަމަށެވެ.

މީގެއިތުރުން، ޞައްޙަ ގަރާޖަކާއެކު ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްނަމަ އެ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު، އެ އުޅަނދުގެ ވެރިފަރާތް ބަދަލުކުރެވޭ ގޮތަށްވެސް ވަނީ ނިންމާފައެވެ.

މިނިސްޓްރީން ނެރުނު އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުޙަލާގައި މިހާރު މާލެ ސިޓީ ކައުންސިލް އަދި އެޗްޑީސީން ދޫކުރަމުންދާ އުޅަނދު ގަރާޖުކުރުމުގެ ހުއްދަ، އުޅަނދު ރަޖިސްޓްރީ ކުރުމުގައި ބޭނުން ނުވާނެކަމަށާއި ރަޖިސްޓްރީ ކުރުމަށްޓަކައި ހަމައެކަނި ހުށަހަޅަންޖެހޭނީ އުޅަނދު ބޭއްވުމަށް ބޭނުންކުރާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ކަމަށެވެ.

މި ނިންމުމަށް ޢަމަލުކުރަން ފަށާނީ 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.