މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ އަންވަރު ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން، އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމެވި ނިންމެވުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބާތިލްކޮށްފިއެވެ.
ސ.ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު އެންމެ ފަހުން ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ. މީގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް އީރާނު ބޯޓެއްގައި އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައިވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.
އޮކްޓޯބަރު މަހު އޭނާ ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން، އޭނާ ވަނީ ސްރީލަންކާއަށް ގޮސްފައެވެ. ނަމަވެސް އެ ގައުމުން އޭނާ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމާ ގުޅިގެން ފުލުހުން ވަނީ އަލުން އޭނާ ހައްޔަރުކޮށްފައެވެ. މިވަގުތު އޭނާ ހުރީ ކޯޓު އަމުރެއްގެ ދަށުން ބަންދުގައެވެ. އޭނާ ދޫކޮށްލި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމެވީ، ކްރިމިނަލް ކޯޓުގެ ނިންމުން ގާނޫނާ ހިލާފުވާ ގޮތް ދައުލަތަށް ސާފުކޮށްދެވިފައި ނުވާތީ ކަމަށް ބުނެއެވެ. އެހެންނަމަވެސް، ދައުލަތުން އެ ނިންމުން މުރާޖައާކުރަން ހުށަހެޅުމުން، ފަނޑިޔާރުންގެ މަޖިލީހުން ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ނިންމާފައެވެ.
އަލީ އަންވަރު އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލަން އަމުރުކުރެއްވި ގާޒީ ހުސައިން ފާއިޒް ރަޝާދު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ، މިހާރު ވަނީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފައެވެ. ޖޭއެސްސީ އިން ބެލި ފާއިޒްގެ އެ އްމައްސަލައަކީ އަލީ އަންވަރު ދޫކޮށްލި މައްސަލަކަން ފާހަގަކޮށްލެވެއެެވެ.