2026 ވަނަ އަހަރު ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (ޕީއެންސީން) ވާދަކުރާ ކެންޑިޑޭޓުން ކަށަވަރު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި 297 ކެންޑިޑޭޓުން ވާދަކުރާން ހަމަޖެހިފައިވާކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
އެ ޕާޓީން ނެރެފައިވާ ލިސްޓުގައިވާގޮތުން ޕްރައިމަރީގައި 297 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެއީ ކައުންސިލް މެންބަރުންނަށް ވާދަކުރާ 82 ކެންޑިޑޭޓުންނާއި ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށް ވާދަކުރާ 48 ކެންޑިޑޭޓުންނާއި ކައުންސިލްތަކުގެ ރައީސުންނަށް ވާދަކުރާ 47 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަށް ވާދަކުރާ 19 ކެންޑިޑޭޓުންގެ އިތުރުން އެ ކޮމިޓީގެ މެންބަރުންނަށް ވާދަކުރާ 98 ކެންޑިޑޭޓުުންނެވެ.
ޕީއެންސީން ސިޓީ ކައުންސިލްގެ މޭޔަރު ހޮވުމަށް ޕްރައިމަރީ ބާއްވަނީ އެންމެ ދާއިރާއެއްގައެވެ. އެއީ އައްޑޫ ސިޓީ މޭޔަރެވެ. އެ މަޤާމަށް ޕީއެންސީގެ ޓިކެޓަށް 2 ކެންޑިޑޭޓުން ވާދަކުރެއެވެ.
ޕީއެންސީން ބުނީ އެ ޕާޓީގެ ޓިކެޓުގައި އަންނަ އަހަރު ބާއްވާ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައިވެސް ގިނަ ބަޔަކު ހޮވިފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ޓިކެޓް ލިބިފައިވާކަން ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ. ހޮނިހިރު ދުވަހު ޕްރައިމަރީ ބާއްވާ ދާއިރާތަކުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ލިސްޓުވެސް ޕީއެންސީން މިހާރު ވަނީ އާންމުކޮށްފައެވެ.