ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ސަރަހައްދުތަކުގައި ދުންފުހުގެ އަސަރު ހުންނާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާ ކޮށްފިއެވެ.
މި ދުވަސްވަރަކީ އިރުވައި މޫސުން ފެށިފައިވާ ދުވަސްވަރަކަށް ވުމާއެކު، ރާއްޖޭގެ ސަރަހައްދުތަކަށް، ހާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަނީ ފޯރަން ފަށާފައެވެ.މެޓް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ވޭތުވެދިޔަ ހަތް ދުވަހަށް ބަލާއިރު ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށްވުރެ ދަށްވެފައިވާ ކަމަށް މެޓުން ފާހަގަކުރިއެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ބުނީ، ކުރިއަށް އޮތް ފަސް ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާއެކު ދުންފުހުގެ އަސަރު ރާއްޖެމަތީގައި ދެމިހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ހާލަތާ ގުޅިގެން، ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ވައި ނުސާފު ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި ނުވަތަ އެލާޖީގެ މައްސަލަތައް ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުން މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރަން އެޗްޕީއޭއިން ވަނީ އެދިފައެވެ.