ދިރާސީ އައު އަހަރު ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް އަންނަ މަހު 10ގެ ކުރިން ނިންމާލެވޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
ޝަފީއު ވިދާޅުވީ ފޮތްތައް ފޮނުވުމުގެ މަސައްކަތް މިމަހު 6 ވަނަ ދުވަހުން ފެށިިގެން ކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ސްކޫލަށް ޓެކްސްޓް ފޮތް ފޮނުވާފައިވެ އެވެ. ވަޒީރު ވިދާޅުވީ އަންނަ މަހުގެ 10 ގެ ކުރިން ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތް ފޮނުވާ ނިންމާލެވޭނެކަމަށެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީގެ ވައުޗަރ ތައްވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވި އެވެ.
އަމާޒަކީ މި ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ރިޕޯޓް ފޯމް ހަވާލުކުރާއިރު އެ މަސައްކަތްތައްވެސް ނިންމުން ކަމަށް ވަޒީރު ވިދާޅުވި އެވެ. މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އޭގެ އިތުރުން ދިރާސީ އައު އަހަރު ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމުމަކީވެސް ތަޢުލީމީ ވުޒާރާގެ އަމާޒެއް ކަމުގައި ވަޒީރު ހާމަ ކުރެއްވިއެވެ. ހަމަ އެއާ އެކު އަންނަ ދިރާސީ އަހަރަށް ތަައްޔާރުވުމަށް 40 މިލިޔަން ރުފިޔާ ސްކޫލް ތަކުގެ އެކިކަހަލަ މަރާމާތާއި، ކުލަ ލައި ރީތި ކުރުން ފަދަ ކަންކަމަށް ޚަރަދުކުރަން ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވި އެވެ.