ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން ފަސް ލައްކައަށްވުރެ ގިނަ ފަސިންޖަރުން ޚިދުމަތް ހޯދާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނެފިއެެވެ.

އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހިނގާ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، 508،008 ފަސިންޖަރުން ވަނީ އައު ޓަރމިނަލުގެ ޚިދުމަތް ހޯދާފައެވެ. މިއީ ފުރާ މީހުންނާއި އަންނަ މީހުން ހިމެނިގެން ޓަރމިނަލް ޚިދުމަތް ހޯދާފައިވާ ފަރާތްތައް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައިވެއެވެ. މީގެ ތެރެއިން 252,340 މީހުންނަކީ ޓަރމިނަލް 1 މެދުވެރިކޮށް ފުރައިގެން ދިޔަ މީހުންނެވެ. އަދި 255,668 މީހުންނަކީ ރާއްޖެއަށް އައި މީހުންނެެވެ.

އެމްއޭސީއެލްއިން ބުނީ މިހާތަނަށް އެންމެ ގިނަ ފަސިންޖަރުންނަށް އައު ޓަރމިނަލުން ޚިދުމަތް ދީފައިވަނީ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުކަމަށެވެ. އެ ދުވަހު ޓަރމިނަލުގެ ޚިދުމަތް ޖުމްލަ 19,551 މީހަކުން ހޯދި ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. މީގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިއުމަށް 8,681 ފަސިންޖަރުން އައު ޓަރމިނަލް ބޭނުންކޮށްފައިވާއިރު، 10,870 ފަސިންޖަރުން ރާއްޖެ ވަނީ އައިސްފައެވެ.

އެމްއޭސީއެލްއިން ބުނީ ޓަރމިނަލް 1 އަށް ރާއްޖެ ދަތުރުކުރާ ހުރިހާ އެއަރލައިނެއް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 37 އެއަރލައިނެއް އައު ޓަރމިނަލަށް ބަދަލުކުރެވިފައިވާއިރު، މިމަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

އައު ޓަރމިނަލުގެ ޚިދުމަތް ފަށާފައިވަނީ މިއަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.