މާލެ ސަރަހައްދުގައި ސިއްހަތަށް ނުރައްކާވާ މިންވަރަށް މިއަދު ވައި ނުސާފުވެފައިވާ ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ.

އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 175 ގަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިންޑެކްސް ބުނާގޮތުން، އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުރި ނަމަ ރެޑް އެލާޓް ނެރޭނެ އެވެ.

މި މިންވަރަށް ވައި ނުސާފުވުމުން، ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ ހުރިހާ އެންމެންނަށްވެސް ބޮޑު ކަމުގައި އެޗްޕީއޭއިން ފާހަގަކުރެ އެވެ.

މީގެ އިތުރުން، މެދުރާއްޖެތެރޭގެ ބައެއް ސަރަހައްދުތައް އޮރެންޖް ސަމާލުގައި އޮތް އިރު، އެހެން ބައެއް ސަރަހައްދުތައް އޮތީ ރީނދޫ ސަމާލުގަ އެވެ.

ވައި ނުސާފުވުމުގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރޭގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔައް ފަރުވާ ކުރާ މީހުން، އެލާރޖީ މައްސަލަ ހުންނަ މީހުން ހިމެނެ އެވެ. އެހެންކަމުން އެފަދަ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންތައްތައް ކުރުން މަޑުޖައްސާލުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލައްތަކުގައި މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ފާއިތުވި ހަތް ދުވަހަށް ބަލާއިރު އެންމެ ބޮޑަށް ވައި ނުސާފުވެފައިވަނީ މިއަދު ކަމަށެވެ. އެގޮތުން މިއަދު ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ވުރެ ދަށްވެފައިވާކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހު ވެސް ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެކަމަށް ބެލެވޭތީ، އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެ އެވެ.