އާ އަހަރާ ދިމާކޮށް "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް 2025" ގެ ނަމުގައި ހާއްސަ ފެސްޓިވަލެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ބާއްވާ މި ފެސްޓިވަލް އޮންނާނީ މިމަހުގެ 30 އިން ޖެނުއަރީ 1 އަށެވެ.

ވިއެމްސީން ބުނީ މި ފެސްޓިވަލްގެ ތެރެއިން، 2024 ވަނަ އަހަރުގެ އާ އަހަރުގެ މުނާއްސަބަތާ ދިމާކޮށް ކުރިއަށް ގެންދިޔަ މަގުބޫލު ހަރަކާތެއް ކަމުގައިވާ ހާއްސަ ޑްރޯން ޝޯވ ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން މި އަހަރުވެސް ހަވާ އެރުވުމާއި، ތަފާތު ސަގާފީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މި ފެސްޓިވަލުގައި ތަފާތު ގިނަ ފުޑް ސްޓޯލްތަކެއް ބެހެއްޓިފައި ހުންނާނެ ކަމަށް ވީއެމްސީން މައުލޫމާތުދެ އެވެ.

މިއީ ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ބައިވެރިވެވޭނެ ޝައުގުވެރި، ހުރިހާ އުމުރުފުރައަކާ ގުޅޭ އުފާވެރި ފެސްޓިވަލަކާ އެކު އާ އަހަރަށް މަރުހަބާ ކިޔުމާއި، މުނިފޫހިފިލުވުމުގެ އެތައް ހަރަކާތްތަކެއް ހިމެނިގެން ކުރިއަށް ގެންދާ ފެސްޓިވަލެއް ކަމަށް ވީއެމްސީން ވަނީ ބުނެފަ އެވެ.

މި ހަރަކާތް ރާވާ އިންތިޒާމްކުރުމުގެ މަސައްކަތް ވީއެމްސީ، އެޗްޑީސީ އަދި އެމްއޯޓީއީ ގުޅިގެން ކުރިއަށް ގެންދާ އިރު، ހަރަކާތްތައް ކުރިއަށް ގެންދާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ ކަމަށް ވީއެމްސީން ބުނެފައިވެ އެވެ.

މި ހަރަކާތް ރޭވުމާއި އިންތިޒާމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ވީއެމްސީ، އެޗްޑީސީ އަދި އެމްއޯޓީއީ ވަނީ، ކަލްޗާ އެންޑް ފުޓް ފެސްޓިވަލް 2025 ގެ މި ގައުމީ ހަރަކާތް، އެ ފަރާތްތަކާ އެކު ޕާޓްނާޝިޕް ގާއިމްކޮށް ސްޕޮންސާކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.