އިދިކޮޅު މައި ޕާޓީ، އެމްޑީޕީއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފި އެވެ،
ލޯކަލް ކައުންސިލް މެމްބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު އެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިހާބު އޮންނާނީ 16 ޖަނަވަރީ 2026 ވާ ހުކުރު ދުވަހުގެ މެންދުރު 2:30އިން ރޭގަނޑު 8:00އަށް ކަމަށް އެ ޕާޓީއިން ބުނެފައިވެ އެވެ. މިހާތަނަށް ޕްރައިމަރީ ލިސްޓު އާންމުކުރި ހަމައެކަނި ޕާޓީއަކީ ވެސް އެމްޑީޕީކަން ފާހަގަކޮށްލެވެ އެވެ.
މިޕާޓީގެ ޓިކެޓްގައި ވާދަކުރަން ހުޅުވާލެވުނު އިއުލާނާއި ގުޅިގެން ކުރިމަތިލި މީހުންގެ ތެރެއިން އިންތިޚާބު ބާއްވަންޖެހޭ ރަށް އަދި ސިޓީތަކުން ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއިއެކު އާއްމުކޮށް މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.
ރަށްތަކުގެ ކައުންސިލް މެމްބަރުކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުކަމަށް ޖުމްލަ 106 މީހުން ވާދަކުރެއެވެ. ސިޓީތަކުގެ އަންހެނުގެ ތަރަގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުކަމާއި މޭޔަރުކަމާއި އަދި ކައުންސިލް މެމްބަރުކަމަށް 47 މީހުން ޕްރައިމަރީގައި ވާދަކުރާނެ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި 153 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.
ސިޓީތަކުގެ މޭޔަރުކަމަށް އެމްޑީޕީއިން ވާދަކުރާނެ މީހަކު ހޮވުމަށް ޕްރައިމަރީ ބާއްވަން ޖެހޭނީ ތިނަދޫ ސިޓީ އަދި މާލެ ސިޓީގައި އެކަންޏެވެ. މި ދެ ސިޓީއިން މޭޔަރުކަމުގެ ޕްރައިމަރީއަށް ކޮންމެ ސިޓީއަކުން ދެ މީހުން ވާދަކުރުމަށް ހުށަހަޅާފައިވެ އެވެ.
ރަށްތަކުގެ ތެރެއިން 25 ރަށެއްގައި އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނެ އެވެ. އެއް ދާއިރާއަކުން ޕްރައިމަރީގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ދާއިރާއަކީ ށ. ކޮމަންޑޫ ދާއިރާ އެވެ. އެ ދާއިރާގެ ކައުންސިލް މެމްބަރުކަމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުކަމަށް ޕްރައިމަރީގައި ޖުމްލަ 13 ކެންޑިޑޭޓުން ވާދަކުރެ އެވެ. ކޮމަންޑޫ ދާއިރާގެ ވޯޓުލުން އޮންނާނީ އެ އަތޮޅު ފޯކައިދޫގަ އެވެ.
މާލޭގެ އަވަށްތަކަށް ބަލާއިރު 10 ދާއިރާއެއްގައި އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ ކަމަށް ލިސްޓުގައިވެ އެވެ.
އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީހެ ޕްރައިމަރީއަށް ޓައިމްލައިންއެއް ކަނޑައަޅައި އާންމުކުރީ މި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެ އިއުލާނު ފަހުން ބާތިލުކޮށް އެ ޕާޓީއިން ބުނީ ޕްރައިމަރީއަށް ޓައިމްލައިނެއް ކަނޑައަޅައި ފަހުން އިއުލާނުކުރާނެ ކަމަށެވެ.