ހދ. ހިރިމަރަދޫގައި މީހުން ދިރިއުޅެމުން ދަނިކޮށް، ގާނޫނުއަސާސީއާ ހިލާފަށް އެރަށު ކައުންސިލް އުވާލިކަމަށް ކަނޑައަޅާފައިވާކަމަށް، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ތުހުމަތުކުރައްވައިފި އެވެ.

އަބްދުލްޣަފޫރު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުނުކޮށް، ހިރިމަރަދޫ ކައުންސިލް އުވާލައި، އެރަށުގެ ރައްޔިތުން ހަނިމާދޫ ރައްޔިތުންގެ ގޮތުގައި ވޯޓުލާން ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުމަކީ ގާނޫނުއަސާސީ އާއި، ލާމަރުކަޒީގާނޫނާ ކަޑައެޅިގެން ހިލާފުކަމެއް ކަމަށް އަބްދުލްޣަފޫރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މިކަމާ ގުޅޭ ރަސްމީ އެންގުމެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ހިރިމަރަދޫ ކައުންސިލަށް މިހާތަނަށް އަންގާފައި ނުވާކަމަށް އެނގިފައިވެ އެވެ. އަދި ހިރިމަރަދޫ ކައުންސިލް އުވާލައިފިކަން އެއްވެސް ރަސްމީ އިދާރާއަކުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މިހާރުގެ ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާކަން ފާހަގަކޮށްލެވެ އެވެ.

ހިރިމަރަދޫއަކީ ރާއްޖޭގެ އެންމެ އާބާދީ މަދު އެއް ރަށެވެ. އެގޮތުން އެ ރަށުގައި 589 މީހުންގެ އާބާދީއެއް އޮންނަ އިރު، ރަށުގައި އުޅެނީ 200 އެއްހާ މީހުންނެވެ.

ހިރިމަރަދޫއިން ހަނިމާދުއަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ގާއިމްކުރުމަށް ސަރުކާރުން ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު, އޮގަސްޓު މަހު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.