މާލީ ދާއިރާ ތަރައްޤީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި އެވެ.
މި ހަރަކާތްތައް އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މާލީ ދާއިރާ ތަރައްޤީކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ތަފާތު 3 ކަމެއް ވަނީ އިފްތިތާޙުކޮށްފަ އެވެ.އޭގެތެރެއިން ނޭޝަނަލް ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޖެޓީއާއި، ނޭޝަނަލް ފައިނޭންސް ރޯޑްމެޕް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. މިއީ ހުރިހައި ރައްޔިތުންނަށް ފައިނޭންސް ލިބޭނެކަމުގެ ޔަޤީންކަން ކަށަވަރުކޮށްދޭނެ ސްޓްރެޓެޖީއެއްކަމަށް އެމްއެމްއޭއިން ވިދާޅުވެ އެވެ.
އަދި މި ރަސްމިއްޔާތުގައި ޕޭމަންޓް މޯލްޑިވްސްވެސް ވަނީ ލޯންޗްކޮށްފަ އެވެ. ޕޭމަންޓް މޯލްޑިވްސް ލޯންޗްކޮށްދެއްވީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.ޕޭމަންޓް މޯލްޑިވްސްގެ މަސައްކަތް ފެށިގެންދާއިރު މައިގަނޑު ޒިންމާއަކަށް ވެގެންދާނީ ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކުގެ އޮޕަރޭޝަންސް ހިންގުމާއި، އެ ސިސްޓަމްތައް އިތުރަށް ކުރިއެރުވުމަށް ކުރަން ޖެހޭ ކަންކަން ކުރިޔަށް ގެންދިޔުމެވެ.
މި ސިސްޓަމްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ހަމަޔަށް ޚިދުމަތް ދޭނީ މިހާރެކޭވެސް އެއްގޮތަށް ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުން ނެވެ.އަދި އޭގެ އިތުރުން ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކާއި އައު އީޖާދީ ހިދުމަތްތައް ތައާރަފް ކުރުމާއި، ކުރިޔަށް ރާވާފައިވާ ތަރައްޤީގެ މަސައްކަތްތައް އިތުރު ހަލުވިކަމަކާއެކު ކުރިޔަށްގެންދިޔުމަށް މި ކުންފުނީގެ ދަށުން މަސައްކަތް ކުރެވޭނެ އެވެ.
ހަމަ އެޔާއިއެކު، ދިވެހިރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކޮށް ހަރުދަނާ، ރައްކާތެރި ޤައުމީ ޕޭމަންޓް ސިސްޓަމެއް ޤާއިމުކޮށް ހިންގުމަކީވެސް ޕޭމަންޓް މޯލްޑިވްސްގެ މަސްއޫލިއްޔަތަކަށް ވާނެ އެވެ.