ރާއްޖެ އެތެރެކޮށް ވިއްކުން މަނާ، ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، ދެ މީހަކު ޖޫރިމަނާ ކޮށްފި އެވެ.
ފުލުހުން ބުނީ މި ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކުރުމުގެ ތެރެއިންކަމަށެވެ.
މި އޮޕަރޭޝަންގައި ބަލައިފާސްކުރިި ދެ ގެއިން 442 ވޭޕް ކާޓްރިޖްއާއި ދެ ކާޓޫން ސިނގިރެޓްގެ އިތުރުން ޝީޝާ ޕަފްއާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތި ފެނިފައި ވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކުރި ނަމަވެސް، އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.
ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ. ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.
މިހާރު ޤާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.