ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއާލައިން, އެމިރޭޓްސް އަށް ހިދުމަތް ދޭން ފަށައިފި އެވެ.

އެމްއޭސީއެލުން މިއަދު ބުނީ އާ ޓާމިނަލުން އެމިރޭޓްސް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހީމް ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެމިރޭޓްސް އިން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރު ޖަބޭރު މުހައްމަދާއި އެމިރޭޓްސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން, އެމިރޭޓްސް އަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޔޫއޭއީގެ ހަތަރު ވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 27 މެއި 1987 އެވެ.

އެމިރޭޓްސް އެއާވޭސް އާއެކު އާ ޓާމިނަލުން މިހާރު ދަނީ 36 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.