ޒަކާތު ކައުންސިލަށް ކަނޑައަޅަންޖެހޭ ދެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޒަކާތު ހައުސްއިން ހުޅުވާލައިފި އެވެ.

ޒަކާތުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސް ކުރުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "ޒަކާތު ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންޖެހެ އެވެ.

ގާނޫނުގައިވާ ގޮތުން ޒަކާތު ކައުންސިލް އެކުލެވިގެން ވަނީ ނުވަ މެންބަރުންގެ މައްޗަށެވެ. ޒަކާތު ކައުންސިލްގެ މެންބަރު ކަމަށް ހުޅުވާލީ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ނުކުރާ، ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މެންބަރު ކަމަށެވެ.

އެ ދެ މެންބަރުން ކައުންސިލަށް އައްޔަންކުރާނީ އާންމުކޮށް އިއުލާނުކުރުމުން އެކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ޒަކާތުގެ މާހިރުންގެ ތެރެއިން ޒަކާތު ކައުންސިލް ތަމްސީލުކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން ނުވަތަ މެކްރޯއިކޮނޮމިކްސް ނުވަތަ ފިސްކަލް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން އެކަށީގެންވާ ތައުލީމު ހާސިލުލުކޮށްފައިވުން އަދި ކަމާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން ފަސް އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

މެންބަރު ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފަ އެވެ.