ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ކަމުގެ މަގާމު ހުސްކޮށް އޮންނަތާ ދެ މަސްދުވަސް ފަހުން, ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު އެ މަގާމަށް އައްޔަންކޮށްފިއެވެ.
އެންޑީއޭއިން ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވަނީ އެ އެޖެންސީގެ ޗެއާޕާސަންކަމަށް ސިއްދީގު ހަމަޖެއްސުމާއެކު އޭނާއަށް މަރުހަބާ ކިޔައިފައެވެ. ސިއްދީގަކީ ގާނޫނީ ދާއިރާއަށް ޚާއްސަ ވަކީލެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް ސިއްދީގު އިސްކޮށް އުޅުއްވަމުން އައީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހިންގެވުމުގައެވެ.
މި ސަރުކާރުގައި އެންމެ ފުރަތަމަ އެންޑީއޭގެ ޗެއާކަން ކުރެއްވީ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ލުބްނާ ޒާހިރެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އެހެން ނަމަވެސް އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ލުބްނާ ފޮރިން މިނިސްޓްރީއަށް ބަދަލުވުމާއެކު އެންޑީއޭގެ ޗެއާޕާސަންކަމުން ވެސް އޭނާ ވަނީ ވަކިވެވަޑައިގެންފައެވެ.