93 ޒުވާނުންނާއެކު، ނެޝަނަލް ޔޫތު ކޮންފަރެންސް 2025 މިއަދު ފަށައިފިއެވެ.

ޔޫތު ކޮންފަރެންސް ފައްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ވަހީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ، މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ. ދިގު މާޒީއަކަށްފަހު ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިސްނަގައިގެން، ގައުމީ ފެންވަރުގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން ޒުވާނުން އައިސް، ޒުވާނުންނަށް ގައުމުގައި ފާހަގަކުރެވޭ ކަންކަމަށް އެއްތަނެއްގައި ތިބެ މަޝްވަރާކޮށް ސައްލާކޮށްލުމަށް މިއަދު ފުރުސަތު ލިބިގެންދާތީކަމަށެވެ.

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވުޒާރާ ގުޅިގެން ބާއްވާ މިކޮންފަރެންސް ކުރިއަށްދާނީ މިއަދާއި މާދަމާރޭގެ ނިޔަލަށް މާލޭގައި ހުންނަ ޔޫތު ހަބްގައިކަމަށް އެ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވެފައިވަކަމަށާއި މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދުމާއި، ޒުވާނުންގެ ގައުމީ ސިޔާސަތެއް އުކުލަވާލުމަށްޓަކައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުން ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 23 ވާ އަންގާރަ ދުވަހުގެ ރޭކަމަށާއި އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ, ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތްނަވާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.