ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން، މައްސަލަ ނުނިމި އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އެންމެންގެ ޝަރީއަތްތައް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، "ވާނުވާ" ބަންދާ ގުޅޭގޮތުން އާންމުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ މިފަދަ މައްސަލަތައް މާޗްގެ ނިޔަލަށް ނިންމޭނެ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ދެއްވީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ކަމަށެވެ.

އެގޮތުން އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލަތައް މާޗަށް ނިންމުމަށްފަހު، ދެން ހުރި މައްސަލަތައް ވެސް އަވަސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ގިނަ އަހަރުތަކެއް ވަންދެން ހައްލު ނުވެ އޮތް މި މައްސަލަ ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ކޯޓު މަރުހަލާގެ ތެރެއިން ވަކި ގޮތަކަށް ނިމިގެންދާނެކަމަށެވެ. އަދި މިކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ބަންޑާރަ ނައިބު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

މީގެ އިތުރުން، މި މަހުގެ ކުރީކޮޅު މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައި ވެސް ރައީސް ވަނީ މި މައުލޫއަށް ވާހަކަ ދައްކަވާފައެވެ. އެ ރޭ ރައީސް ވިދާޅުވީ، ބަންދުގައި ތިބި މީހުން ދޫނުކުރެވެނީ އެމީހުންގެ މައްޗަށް ކުރެވިފައިވާ ސީރިއަސް ތުހުމަތުތަކުގެ ސަބަބުން ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ޓެރަރިޒަމް، މީހުން މެރުން އަދި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލުމަކީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އުސޫލީ ހައްގެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.