ކުށްތަކަށް އަރައިގަންނަ ފުލުހުންނަށް އެ ހިދުމަތުގައި ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން, ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އިސްމާއިލް ނަވީން ދެއްވައިފިއެވެ.
ސީޕީ މިފަދައިން ވިދާޅުވީ ތ. ވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުން ހައްޔަރުކުރި ޒުވާން ފުލުހެއްގެ މައްސަލައާ ގުޅިގެނެވެ.
އެގޮތުން ނަވީން ވިދާޅުވީ ޖިނާއީ އެފަދަ ކުށްކުރާ މުވައްޒަފުންނާ މެދު ގާނޫނީގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށާއި އެފަދަ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް އެ ހިދުމަތުގައި އެއްވެސް ޖާގައެއް ނޯންނާނެކަމަށެވެ. އަދި އެފަދަ ކުށްކުރާ މުވައްޒަފުންނަށް އެ ހިދުމަތުން އެއްވެސް ޖާގައެއް ނުދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް ނަވީން ވިދާޅުވިއެވެ.
މި މައްސަލަ އަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށާއި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިންކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން މުހައްމަދު ނަވާޒް އަކީ ފުލުހެއްކަން ފާހަގަކޮށް ފުލުހުން ބުނީ މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު މުހައްމަދު ނަވާޒް ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައިކަމަށެވެ. ނަވާޒްއަކީ 2021 ވަނަ އަހަރު ފުލުހުންގެ 33 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، 2022 ވަނަ އަހަރު ކޮލިފައިޑް ޕޮލިސް އޮފިސަރަކަށް ވެފައިވާ ފުލުހެއްކަމަށް ފުލުހުން ބުނެއެވެ.
ހަމަމިއާއެކު މިމައްސަލައާ ގުޅިގެން މުހައްމަދު ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާއަތުގައި އޮތް ބެއާ އެއް ބެލިބެލުމުން ފަހާފަހުރިކަމަށް ފާހަގަކުރެވިގެން ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗައް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.