ދައުލަތުގެ މަގާމަކުން ރިޓަޔާ ކުރުމަށް ފަހު، އެހެން މަގަމާކަށް އައްޔަން ކުރުމާއެކު، އެ ފަރާތްތަކަށް ލިބޭ ރިޓަޔާމެންޓް އެލަވަންސް އެ މަގާމެއްގައި ހުންނަ މުއްދަތެއްގައި މެދުކެނޑޭ ގޮތަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި ބޭއްވި ޖަލްސާގައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ބޮޑުވާތީ އެކި ކަހަލަ ކަންކަން ކުރުމަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ. މި ސަރުކާރުގައި މުހިންމު ބައެއް މަގާމުތަކަށް ރިޓަޔާޑް ބޭފުޅުން އައްޔަން ކުރައްވާފައިވާ ކަމަށާއި އެއީ އަހުލާގީ ގޮތުން ރަނގަޅު، ހިންގުންތެރި އަދި ނަޒާހާތްތެރި ބޭފުޅުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ބޭފުޅުންނަކީ ގާބިލު ބަޔަކަށް ވާތީ ސަރުކާރު ހިންގުމުގައި ފަސްބައި ސާފު ނަޒާހާތްތެރި ބަޔަކުލުމުގެ ގޮތުން އެ ބޭފުޅުން ވެސް ބައިވެރި ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ އެ ބޭފުޅުންނަށް ރިޓަޔާމަންޓް އެލަވަންސްގެ އިތުރުން މަގާމަށް ވަޑައިގަތުމުން ލިބޭ މުސާރަ އެކުގައި ލިބުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނައުމަށްޓަކައި އިދާރާތަކަށް އަންގަވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާވިސްގެ ގަވާއިދުތައް ބަދަލުކޮށް، ގެޒެޓް ކުރުމަށް އަންގަވާފައިވާ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މަގާމުތަކަށް އައްޔަންކުރުން ނުވަތަ މަގާމަކަށް ރިޓަޔާޑް ބޭފުޅަކު އިންތިހާބުކޮށްފި ނަމަ، އެ މުއްދަތަކަށް ރިޓަޔާމަންޓް އެލަވަންސް މެދުކަނޑާލަން ޖެހޭ ގޮތަށް ނިންމަވާފައިވާ ކަމަށެވެ. ޑަބަލްކޮށް އެލަވަންސްތައް ނުލިބޭ ގޮތަށް ބަދަލުކުރުމަކީ ރައްޔިތުންނެކޭ އެއްގޮތަށް އެ މަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވާ ހަމަހަމަކަންކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިފަދައިން ވިދާޅުވިއިުރު، މި ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްޓީސީސީ، އެޗްޑީސީ އަދި އާރްޑީސީ ފަދަ ކުންފުނިތަކުގައި ވެސް ތިއްބެވީ ރިޓަޔާޑް ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.