އަންނަ ދިރާސީ އަހަރުން ފެށޭއިރު، ގުރޭޑު 10އިން ދަށުގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދިޔުން މަނާވާނެ ކަމަށާއި، ގުރޭޑު 11 އަދި 12ގައި ކިޔަވާ ކުދިންގެ ފޯނު ކިޔަވާ ގަޑީގައި، ލޮކަރުގައި ބާއްވަން އަންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ސްކޫލުތަކުގައި ކުޑަކުދިން ފޯނު ބޭނުންކުރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. މިމައްސަލަ ހައްލުކުރުމަށް ގްރޭޑް 10ން ދަށުގެ ކުދިން ސްކޫލަށް ފޯނު ގެންދިޔުން މަނާކުރާއިރު އެކަން ވަރަށް ހަރުކަށިކޮށް ބަލާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ގްރޭޑް 11 އަދި 12ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވުނުނަމަވެސް އެ ދަރިވަރުން ކިޔަވާ ގަޑީގައި ފޯނު އޮންނާނީ ލޮކަރުގައިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަމުގެ އިންތިޒާމު އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސާނެކަމަށެވެ.
ރައީސް މިހެން ވިދާޅުވިއިރު ސްކޫލްތަކުގެ ދަރިވަރުން ކުލާސްރޫމްގަޔާއި ސްކޫލް ތެރޭގައި ކުރާ ނޭދެވޭ އެކި ކަންކަމުގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިޔާގައި ދޭތެރެ ދޭތެރެއިން ދައުރުވެއެވެ. އެގޮތުން މިފަހުން އައްޑޫ ހައި ސްކޫލްގައި ދަރިވަރަކާއި ޓީޗަރެއްގެ ދެމެދު ހިނގި ތަޅާފޮޅުމުގެ ވީޑިއޯ ސޯޝަލް މީޑިޔާގައި ވައިރަލްވެ ގިނަ ބަޔެއްގެ ފާޑުކިޔުންތައްވަނީ އެކަމަށް އަމާޒުވެފައެވެ.