ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ހުޅުވާލާފައިވާ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން އިތުރުކޮށްފިއެވެ.
އިލެކްޝަން ކޮމިޝަން އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ގެ އޮފިޝަލުން ހޯދުމަށް ހުޅުވާލާފައިވާ މުއްދަތު، 2026 މާރިޗު 22 ވާ އާދީއްތަ ދުވަހުގެ 15:00 އަށް އިތުރުކޮށްފައިވާކަމަށެވެ.
މިމުއްދަތު އިތުރުކޮށްފައިވަނީ، އަންނަ އަހަރުގެ އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާ އިރު، އަދި ލިބިފައިވަނީ 5000 އެޕްލިކޭޝަންކަމުގައި ވާތީކަމަށް އިލެކްޝަން ކޮމިޝަން އިން މައުލޫމާތުދީފައިވެއެވެ.
މީގެ އިތުރުން ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ގޮތުގައި މާލެ، ހުޅުމާލެ އަދި އަތޮޅުތެރޭގައި ބަހައްޓާ ވޯޓުފޮށިތައް ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުން އަދި ވެސް އިތުރަށް ބޭނުންވާކަމަށް އިލެކްޝަން ކޮމިޝަން އިން ފާހަގކޮށްފައިވެއެވެ.
އޮފިޝަލުން ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ މީހުން، ވީ އެންމެ އަވަހަށް މި ފުރުސަތުގައި https://my.elections.gov.mv ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އިލެކްޝަން ކޮމިޝަން އިން ބުނެފައިވެއެވެ.
އެގޮތުން ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު، އީ-ފާސްގެ މަޢުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ ދޭންވާނެކަމަށާއި ޕޯޓަލްއަށް ލިޔެކިއުންތައް ހުށަހެޅުމަށް ބޭނުންކުރެވޭނީ ހަމައެކަނި ޕީ.ޑީ.އެފް ފައިލްކަމަށް އިލެކްޝަން ކޮމިޝަން އިން މައުލޫމާތު ދީފައިވެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް، ފޯމުގެ ސްޓޭޓަސް ޕޯޓަލްއިން ޗެކްކުރެވޭނެކަން އިލެކްޝަން ކޮމިޝަން އިން ފާހަގަކޮށްފައިވެއެވެ.
އޮފިޝަލަކަށްވުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ހާސިލްކޮށްފައިވާ އެންމެ މަތީ ތައުލީމީ ސެޓްފިކެޓުގެ ކޮޕީ، ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އިލެކްޝަން ކޮމިޝަން އިން ބުނެފައިވެއެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ޢުމުރުން 18 އަހަރުވެފައިވާ މީހެއްކަމުގައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުމާއި، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައި ފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނޭ ކަމަށް އިލެކްޝަން ކޮމިޝަން އިން ފާހަގަކޮށްފައިވެއެވެ.
އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ އޮފިޝަލަކަށް 2900 ރުފިޔާ ދޭން ހަމަޖެހިފައި ވީ އިރު، ވެރިޔާގެ އެހީތެރިއަކަށް ހަމަޖައްސާ އޮފިޝަލަކަށް 2600 ރުފިޔާ ލިބޭނެކަމަށާއި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2300 ރުފިޔާ ދޭނއ ހަމަޖައްސާފައި ވަކަމަށާއި، ގުނާ އޮފިޝަލަކަށް ހަރަކާތްތެރިވާ ފަރާތަކަށް 1800 ރުފިޔާ ލިބޭނެކަމަށްއިލެކްޝަން ކޮމިޝަން އިން ބުނެއެވެ. އަދި ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖައްސާފައިކަމަށްއިލެކްޝަން ކޮމިޝަން އިން މައުލޫމާތުދެއެވެ.
މީގެއިތުރުން، މަސައްކަތްކުރާ ގަޑިތަކަށްބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި ފައިސާ ދިނުމަށް ވަނީ ހަމަޖައްސާފައިކަމަށް އިލެކްޝަން ކޮމިޝަން އިން ފާހަގަކޮށްފައިވެއެވެ.