ފުވައްމުލަކުގައި މިފްކޯއިން ގާއިމުކުރި މަސް ޕްރޮސެސްކުރާ ފެސިލިޓީ ހުޅުވައިފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މި ފެސިލިޓީ ހުޅުވާފައިވަނީ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައިކަމަށެވެ.
މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބު، މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރާއި ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރު ވާހަކަފުޅު ދެއްކެވިކަމަށް މިފްކޯއިން ބުނެއެވެ.
ފެސިލިޓީ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހައްމަދު މުއްތަލިބުއެވެ.
މިފްކޯއިން ބުނީ ފުވައްމުލައް ފިޝް ޕްރޮސެސިން ފެސިލިޓީގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ފޯރުކޮށްދިނުމުގެ އިތުރަށް މަސްވެރިކަމުން ނަފާ އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެކަމަށެވެ.
ސިއްހީ ގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ޚިދުމަތްދެވޭގޮތަށް ގާއިމުކުރެވިފައިވާ މި ފެސިލިޓީއަށް އެމްއެފްޑީއޭއިން ހުއްދަދީފައިވާކަމަށް މިފްކޯއިން މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ.
ފުވައްމުލަކުގައި މަސް ޕްރޮސެސްކުރާ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް 2021 ވަނަ އަހަރު ފެށިނަމަވެސް އެކި ސަބަބުތަކާ ހެދި އެމަސައްކަތް ވަނީ ކުރިޔަށްގެންދެވޭ ގޮތް ނުވެފައެވެ. އެމަސައްކަތް އަލުން ފެށީ މިއަހަރުގެ އޮގަސްޓް މަހު މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން އެ ފެސިލިޓީ ނިންމައި ޚިދުމަތް ފެށުމަށް ދެއްވި ޔަގީންކަމާއެކުގައި ކަމަށް އެކުންފުނިން ކުރިން ބުނެފައިވެއެވެ.