ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫޢުގެ ދަށުން 40 ހެކްޓަރު ހިއްކާ ފަރުކޮޅުފުއްޓާ ގުޅުވާލައިފިއެވެ.

ހުޅުމާލެ ތިނެއް ހިއްކުމުގެ މަސައްކަތްކުރަމުން އަންނަ އެމްއޭސީއެލުން މިއަދު ސޯޝަލް މީޑިޔާގައި މަސައްކަތްގޮސްފައިވާ ހިސާބު ދައްކުވައިދޭ ފޮޓޯތަކާއެކު އެސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ 63 ހެކްޓަރުގެ ތެރެއިން 40 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ ޕްރޮޖެކްޓުގެ 63.5 ޕަސެންޓް ކަމަށާއި އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލުން އާންމުކުރި ފޮޓޯތަކުން ކުރިން ރިސޯޓެއްގައި ގޮތެއްގައި ހިންގަމުން އައި ފަރުކޮޅުފުއްޓާ ގުޅާލާފައިވާ މަންޒަރު ފެނެއެވެ.
ހުޅުމާލޭގެ މާސްޓަޕްލޭންގައި ކުރިން އޮތީ އެ ސަރަހައްދު ނުހިއްކާ ގޮތަށެވެ. މާސްޓަޕްލޭންގައި އޮތީ ހުޅުމާލެ 3 އާއި ފަރުކޮޅުފުއްޓާ ދެމެދުގައި ކޯރެއް އޮންނަ ގޮތަށެވެ. އެ ދެ ސަރަހައްދު ގުޅުވާލުމަށް ޗެނަލް ބްރިޖުތައް އަޅާ ގޮތަށެވެ. އަދި ފަރުކޮޅުފުށީގައި ހެރިޓޭޖު ވިލެޖެއް ހެދުމުގެ މަސައްކަތް ވެސް އެޗްޑީސީން ފެށިއެވެ.
ނަމަވެސް އެޗްޑީސީން މިދިޔަ މެއި މަހު މާސްޓަޕްލޭނަށް ބަދަލު ގެނެސް އެ ސަރަހައްދު އެއްކޮށް ހިއްކާ ގޮތަށް ވަނީ ބަދަލުގެނެސްފައެވެ.
އެޗްޑީސީން ނިންމީ ހުޅުމާލެ ދޭކާއި ތިނަކާ ދެމެދުގައި ކުރިން "ކޯރެއްގެ" ގޮތުގައި ކަނޑައަޅާފައި އޮތް ބައި ހިއްކައި، ދެ ސަރަހައްދު އެއްކޮށްލާށެވެ. އެ ބައި ހިއްކަނީ އެ ސަރަހައްދުގެ ކަނެކްޓިވިޓީ ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން ގެންނަ ބަދަލެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އެމްއޭސީއެލްގެ ދަށުން ހަދާފައިވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އިންނެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެކި ސަބަބުތަކާ ހެދި ބިން ހިއްކުން ލަސްވަމުން އައިސް މިފަހުން އަނެއްކާވެސް ފޭސް 3 ހިއްކަން ފަށާފައިވަނީ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ވަނީ ބިން ހިއްކުމުގެ ސްޕީޑް އަވަސްކުރުމަށް އެއްފަހަރާ ދެ ޑްރެޖަރ ބޭނުންކުރަން ފަށާފައެވެ.
މިދިޔަ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހު ބިން ހިއްކުން އަވަސްކުރުމަށް ބޭނުންވާ އިތުރު ޑްރެޖަރ ރާއްޖެ އައިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ޑިސެމްބަރ މަހުގެ ފަހުކޮޅު ނިމޭނެކަމަށް އުންމީދުކުރައްވާކަމުގައެވެ.