ހުޅުމާލޭ ފޭސް 2 ގެ ހުންނަ ހިޔާ ފްލެޓުގެ 8 ވަނަ ޓަވަރުގައި ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު މިއަދު ޒަހަމްކޮށްލައިފިއެވެ.

ޑޮކްޓަރުންނާ ހަވާލާދީ، ފުލުހުން ބުނި ގޮތުގައި ހަމަލާގެ ސަބަބުން އުމުރުން 38 އަހަރުގެ ދިވެހި ފިރިހެން މީހާގެ ފަލަމަސްގަނޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ވަނީ ބުރިވެފައެވެ.

އޭނާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާ ގުޅިގެން ފުލުހުން ބުނީ ހިޔާގެ 8 ވަނަ ޓަވަރުގެ ފްލެޓެއްގައި އަޑުގަދަވެގެން ރިޕޯޓެއް ލިބިގެން، ފުލުހުން އެ ތަނަށް ގޮސް ބެލިއިރު ދެބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނައިރު، އެ ފޮޓޯތަކުން ފެންނަ ގޮތުގައި ޒަހަމްވި މީހާގެ ގައިން ވަނީ ގިނަ އަދަދަކަށް ލޭ ފައިބާފައެވެ. އަދި ބޮޑެތި ޒަހަމްތަކެއް ވެސް ވަނީ ވެފައެވެ.