މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފިއެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އެހެންކަމުން ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ.
ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ބުނީ މިމަހުގެ 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ (19 ހާސް ފަސް ސަތޭކަ ހަތާވީސް ރުފިޔާ) ކަމަށެވެ. މީގެކުރިން މިދިޔަ އޮގަސްޓު މަހު މުދަލު ޒަކާތުގެ ނިސާބު ހުރީ 11,191.95 (އެގާރަ ހާސް ސަތޭކަ ނުވަދިހަ އެއްރުފިޔާގައެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ.
މިހާރު ބާޒާރުގައި ރިހީގެ އަގުހުރީ ގްރާމަކަށް 32.82 ރުފިޔާ އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 2،149.39 ރުފިޔާއަށެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.