ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށް، މައްސަލަ ބަލައި ނިމެންދެން އޭނާ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ފުލުސް މީހާ ހައްޔަރުކުރީ މިއަދު ހިނގި އޮޕަރޭޝަނެއްގައިކަމަށެވެ.
އެގޮތުން މި މައްސަލައިގައި ހައްޔަރުކުރީ ދިލާސާގެ / ތ. ހިރިލަންދޫ، އުމުރުން 25 އަހަރުގެ މުޙައްމަދު ނަވާޒެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަންދޫގެ ބަނދަރުމަތިން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަވާޒު ހައްޔަރުކުރުމަށް ފަހު، އޭނާއާއި އޭނާ ގެންގުޅުނު ތަކެތި ފުލުހުން ބަލައި ފާސްކުރިއިރު، އޭނާގެ އަތުގައި އޮތް ބެއާއެއް ފަހާފައި ހުރިކަން ފާހަގަކުރެވިގެން ބެލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި، ފަސް ރަބަރު ޕެކެޓު އޭގެތެރެއިން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އޭގެ އިތުރުން އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކޮށް މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެހެންކަމުން މި މައްސަލައިގެ ތުހުމަތުގައި ނަވާޒު ހައްޔަރުކުރުމާ އެކު، ވަޒީފާއިން ސަސްޕެންޑުކޮށް މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.