ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ޕްރައިމަރީ އިންތިހާބަށް އިދިކޮޅު ޕާޓީ، އެމްޑީޕީއިން އިއުލާނުކުރި ޓައިމްލައިން އެ ޕާޓީއިން ބާތިލުކޮށްފި އެވެ.
އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީހެ ޕްރައިމަރީއަށް ޓައިމްލައިންއެއް ކަނޑައަޅައި އާންމުކުރީ މި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެ އިއުލާނު މިއަދު ބާތިލުކޮށް އެ ޕާޓީއިން ބުނީ ޕްރައިމަރީއަށް ޓައިމްލައިނެއް ކަނޑައަޅައި ފަހުން އިއުލާނުކުރާނެ ކަމަށެވެ.
އެމްޑީޕީއިން ބުނީ އިލެކްޝަން ކޮމިޝަންއިން އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފޯމް ހުށަހެޅުމުގެ ތާރީޙް 17 ޖެނުއަރީ 2026 އިން 14 ދުވަހުގެ މުއްދަތަކަށް ހުޅުވާލާނެކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އިލެކްޝަން ކޮމިޝަންއިން އެކަމުގެ ދާއިމީ ރިޕޯޓް އާންމުކުރުން ޓައިމްލައިން އިއުލާންކުރެވޭނެ ކަމަށް އެމްޑީޕީއިން ބުނެފައިވެ އެވެ.
ޕްރައިމަރީގެ ޓައިމްލައިނަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށް ޕްރައިމަރީގައި ވޯޓު ލާން ކަނޑައެޅި ތާރީހު އެމްޑީޕީއިން މިހާރު އޮތީ ބަދަލުކޮށްފަ އެވެ. ޕްރައިމަރީގައި ވޯޓު ލާނީ 16 ޖަނަވަރީ 2026 ވާ ހުކުރު ދުވަހުގެ މެންދުރު 2:30އިން ރޭގަނޑު 8:00އަށް ކަމަށް އެ ޕާޓީއިން ބުނެފައިވެ އެވެ.
ކައުންސިލު އިންތިޚާބު ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން އާންމުކުރަމުންދާއިރު އެންމެ ފޯރިގަދަކޮށް ދާނެކަމަށް ބެލެވެނީ މާލެ ސިޓީ މޭޔަރ ޕްރައިމަރީ އެވެ. މާލޭގެ މިހާރުގެ މޭޔަރ އާދަމް އާޒިމް ވާދަކުރައްވާއިރު ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްވެސް ވަނީ މާލެ ސިޓީ މޭޔަރ ކަމަށް ވާދަކުރައްވާކަން ހާމަކުރައްވާ ކެމްޕެއިން ފައްޓަވާފައެވެ.
އަންނަ އަހަރުގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަކީ ގާނޫނު އަސާސީއަށާއި ލާމަރުކަޒީ ގާނޫނަށް ބަދލަު ގެނައި ފަހުން ބައްވާ ފުރަތަމަ އިންތިހަބުކަން ވެސް ފާހަގކުރެވވެ އެވެ. އަންނަ އަހަރު ބާއްވާ އިންތިހާބުގައި ކައުންސިލަރުން ހޮވާ އަދަދު މަދުވެފައި އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައިވާތީ އަތޮޅު ކައުންސިލްތައް ހޮވުމަށް ވެސް ވޯޓު ލާކަށް ނުޖެހޭނެ އެވެ.