ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި އަލަށް ތަރައްގީކުރި އޭޕްރަން ރަސްމީކޮށް ހުޅުވައިފި އެވެ.

މާފަރު އެއާޕޯޓުގެ އާ އޭޕްރަން ހުޅުވުއިރު އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް
މާފަރު އެއާޕޯޓުގެ އާ އޭޕްރަން ހުޅުވުއިރު އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް

އާ އޭޕްރަން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވިއިރު މިހާރުވެސް އެ އެއާޕޯޓުގައި ޓާމިނަލް އިތުރުކުރުމުގެ މަސައްކަތް ފަށައި އެއާޕޯޓުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އައިލެންޑް އެވިއޭޝަން ސާވިސްއިން ބުނެފައިވެ އެވެ. މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ޖަރުމަނުގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

އަލަށް ހުޅުވި އޭޕްރަންގެ ސަބަބުން މަތިންދާބޯޓުތައް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވެ، ބިމުގެ އޮޕަރޭޝަންތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން އިން ދެކެ އެވެ. އަދި ބޯޓުތައް އަނބުރާ ދަތުރު ފެށުމަށް ނަގާ ވަގުތު ކުރުވެ، މިހާރު ކުރަމުންދާ ޑޮމެސްޓިކް ދަތުރުތަކަށް އެހީތެރިވެދޭނެ އެވެ.

މި ކުރިއެރުމުގެ ސަބަބުން އެއާލައިންތަކަށާއި ދަތުރުވެރިންނަށް އިތުރަށް ރައްކާތެރި އަދި ފުރިހަމަ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީއިން ބުނެ އެވެ.

އާ އޭޕްރަން ހުޅުވުމާއެކު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަނަށް ފަސޭހަތަކެއް ލިބިގެންދާނެ / ފޮޓޯ: އައިލަންޑް އޭވިއޭޝަން

މީގެ އިތުރުން، ޓާމިނަލް އިތުރުކުރުމުގެ މަސައްކަތް ފެށުމަކީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ ނިޝާނެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެ އެވެ. މި މަސައްކަތް ނިމުމުން، ޓާމިނަލް ބޮޑުވުމުގެ ސަބަބުން ދަތުރުވެރިންނަށް ލިބޭ ޚިދުމަތްތައް ރަނގަޅުވެ، އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރުވެ، ދަތުރުކުރުމުގެ ތަޖުރިބާ އިތުރަށް ފަސޭހަވެގެންދާނެ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އަސާސީ ދަތުރުފަތުރުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އެއާޕޯޓްގެ ދައުރު އިތުރަށް ވަރުގަދަ ވާނެ ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

މީގެ އިތުރުން 2 ފަންގިފިލާގެ އާ ޓާމިނަލް އިމާރާތުގެ މަސައްކަތް 10 މަސް ތެރޭ ނިންމާ އަންނަ އަހަރު ބޭނުންކުރަން ފެށުމަށް މިނިސްޓްރީއިން ނިންމާފައިވެ އެވެ. އަދި މާފަރަށް އަންނަ ފަތުރުވެރިންނާއި މުވައްޒަފުންނަށް ހާއްސަ އެއާޕޯޓު ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ވެސް ރާވާފައިވެ އެވެ.