މިޞްރުގައި ކުރިއަށްގެންދާ އިމާމުންނާއި، ވާޢިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުޅުވާލައިފި އެވެ.
މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، ދެ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ޢަރަބި ބަހުންނެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ޓްރެއިނިންގއާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއި، ރަނގަޅަށް ޢަރަބި ބަހުން ވާހަކަ ދައްކަން އެނގުމެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން ދަތުރުތައް މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ، މި މަހުގެ 28 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ.