ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފިއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 19 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަންގައި، ދޯންޏެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ލިލީމާގެ، 29 އަހަރުގެ މުހައްމަދު ޝައްފާން އާއި ރ. ދުވާފަރު / ސައިޑްރިވަރ، 38 އަހަރުގެ އަހުމަދު އާސިމް އާއި ރ. ދުވާފަރު / ޗަމްޕާގެ، 28 އަހަރުގެ އަޙްމަދު ސާއިފް ޢަބްދުއްޝުކޫރު އާއި 34 އަހަރުގެ ރ. އުނގޫފާރު / ލުނބޯގަސްދޮށުގެ، ސިޔާމް މުޙައްމަދު އަދި ޅ. ނައިފަރު / ސަބީނާ، 43 އަހަރުގެ މުޙައްމަދު ސަޢީދު އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މީހުންގެ ތެރެއިން އަޙްމަދު ޢާޞިމް 10 ދުވަހަށް އަދި ދެންތިބި ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.