ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10:17 އެހާކަންހާއިރު ކަމަށާއި، އެ މައުލޫމާތު ލިބުމާއެކު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، މިކަމުގެ މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުން ދާނެ ކަމަށެވެ.
މި މަހުގެ 18 ވަނަ ދުވަހު ގުޅީފަޅު ކައިރި ކަނޑުމަތިން ވެސް ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިފައިވެ އެވެ. އެއީ 38 އަހަރުގެ ޗައިނާ ފިރިހެނެކެވެ. އޭނާ ކަނޑަށް ވެއްޓުނީ 18 ވަނަ ދުވަހުގެ 12:48 އެހާކަންހާއިރު، ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.