މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ. 10367 / މާލެ، އުމުރުން 22 އަހަރުގެ ހަސަން އަނަސް، އަތަގަސްދޮށުގެ / ދޫޑިގަން .ޏ. ފުވައްމުލައް، އުމުރުން 22 އަހަރުގެ މޫސާ ޝަހީމް އާއި އާވެލި / ބ. ގޮއިދޫ، އުމުރުން 25 އަހަރުގެ ޙުސައިން ޝަރުވާން އަދި 21 އަހަރުގެ ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި އެވެ.
ފުލުހުން ހިންގި މިއޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން މަސްތުވާތަކެތި ފެނިފައިވާއިރު، އެތަކެތީގެ ބަރުދަނަކީ 377.39 ގްރާމް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަސަން އަނަސް އަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މޫސާ ޝަހީމް އާއި ޙުސައިން ޝަރުވާން އަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި ނިޝާ ރައި އަށް އެއް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
މިމައްސަލާގައި ނިޝާ ރާއީއަށް ދީފައިވާ އެއް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން އެއް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.