ހިޔާ ފްލެޓުން ކުލި ނުދައްކާތީ އެރި ޖޫރިމަނާ މައާފުކޮށް ދީފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ދައުލަތުގެ މީޑިއާއަށް ވިދާޅުވީ ޖޫރިމަނާގެ ގޮތުގައި 1.9 މިލިޔަނެއްހާ ރުފިޔާ އަރާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން މައާފްކޮށްދީފައިވަނީ މިިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތައް ކަމަށް ވިދާޅުވި އެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މާފުކޮށްދީފައެވެ.

ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގައި ހިމެނެނީ ދެ ކޮޓަރި އެވެ. ދެ ކޮޓަރި އާއި ސިޓިން ރޫމް އަދި ބަދިގެ ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި އެޕާޓްމަންޓްތަކުގެ މަހު ކުއްޔަކީ 3984 ރުފިޔާއެވެ. އަދި މެއިންޓަނެންސް ފީއާއެކު އެޗްޑީސީ އަށް ދައްކަން ޖެހެނީ އެންމެ 4984 ރުފިޔާއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުް ވިދާޅުވީ، ހިޔާގެ އެގްރީމަންޓު ބަދަލުވެގެންދާއިރު، އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ތެރޭގައި ވަޢުދުވެވަޑައިގެންނެވި ފަދައިން މެއިންޓަނަންސްގެ ފީގެ ގޮތުގައި ދައްކަންޖެހޭ 2 ލައްކަ ރުފިޔާގެ ފީ އުނިކޮށްދެއްވާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އަދި ބައެއް ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއެކު އަރާފައިވާ ބެކްލޮގްގެ ކަންކަންވެސް ބައްލަވާ އެކަމުގައިވެސް ލުއިތަކެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފައިސާ ނުދެއްކި ބެކްލޮގް އަރާފައިވާ ފަރާތްތަކަށްވެސް ލުއިގޮތްތަކެއް ހޯއްދަވާދެއްވާނެކަމަށެވެ. އެގޮތުން އެކަން ބެލުމަށް އަންގަވާފައިވާކަމަށާއި ލިބޭ މަޢުލޫމާތަށް ބެއްލެވުމަށްފަހު އެކަމަށް ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8،000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000 އެއްހާ ޔުނިޓުގެ ވެރިންނެވެ. ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިޔަން ރުފިޔާއަށް ވުރެ އިތުރުކަމަށް އެޗްޑީސީން ބުނެ އެވެ.