ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ވިމެންސް ކަޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ގެންދިޔައީ، 25-18 އިންނެވެ. ދެވަނަ ސެޓުގެ ކުރީކޮޅު ބަންގްލަދޭޝުން ލީޑު ނެގި ނަމަވެސް، ރާއްޖެއިން ވަނީ 25-12 އިން އެ ސެޓުވެސް ކާމިޔާބުކޮށްފަ އެވެ. އަދި ތިންވަނަ ސެޓު ނިމުނީ 25-16 ގެ ނަތީޖާއަކުންނެވެ.

ހަތަރު ޓީމު ވާދަކުރާ މި މުބާާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކިރްގިސްތާނުން ވަނީ އަފްގާނިސްތާންގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-15، 26-24 އަދި 25-11 އިންނެވެ.

އެންމެ ފުރަތަމަ ފަސް ޓީމާއެކު ތާވަލުކުރި މި މުބާރާތުން އެއް ޓީމު މަދުވީ ތުރުކެމެނިސްތާނުން މުބާރާތުން ވަކިވުމުންނެވެ.

މުބާރާތުގައި މިއަދު ހަވީރު ބަންގްލަދޭޝް އާއި ކިރްގިސްތާން ބައްދަލުކުރާ އިރު، މިރޭ ރާއްޖެއިން ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.