ދިވެހީންގެ ނެތެމުންދާ ސަގާފީ މަސައްކަތްތަކުގެ 8 ދާއިރާތަކުން ފަންނީ މަސައްކަތްތެރީން ތަމްރީނުކުރުމަށް ބޭނުންވާ ސްޓޭންޑަރޑްތަކާއި ޓްރެއިނިންގ މެޓީރިއަލްތައް ތައްޔާރުކުރުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ (އެމްއައިޓީ) ކޮލެޖާއި ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގެ ދަށުން ފަނާއި ރުކުފަތި އަދި ސަޓާއިން ތަކެތި ވިޔުމާއި މާ، ތުނޑުކުނާ ވިޔުން، މާވަޑިކަން، ތިލޭރުކަން، ލިޔެލާޖެހުން، ސާންތިވިޔުން، ފޭލިވިޔުމުގެ އިތުރުން ކަސަބުގެތުމުގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ބޭނުންވާ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓަންސީ ސްޓޭންޑަރޑްތައް ތައްޔާރުކުރުމާއި ކިޔަވައިދިނުމަށް ބޭނުންވާ ޓްރެއިނިން ޕެކޭޖް ތެރޭގައި ހިމެނޭ ކަރިކިޔުލަމް، ލޮގް ފޮތް، އެސެސްމެންޓް ރިސޯސް ފޮތް، އަދި ލާނިން މެޓީރިއަލް ތައްޔާރުކުރެވޭނެއެވެ.
މިއެއްބަސްވުންތަކުގައި ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޝަކީބާ އަލީއެވެ. އެމްއައިޓީ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ޑިރެކްޓްރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.
ފަންނީ މަސައްކަތްތެރި ކަމުގެ ދާއިރާތަކުން މި އުފެއްދޭ އާ ޕޮރޮގުރާމުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގެ ސަރަޙައްދުތަކާއި ރަށްރަށުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި، ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކުރުމަށްޓަކައި އެ ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ބޭނުންވާ މިންވަރާއި ފެންވަރު ކަނޑައެޅިގެން ދާނެއެވެ.
މަތީ ތައުލީމާއި ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ފުރުސަތަކަށްވެގެން ދާނީ ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން (އެންޓީޓީސީ) ގެ ފުރުސަތެވެ. އެންޓީޓީސީ ޕްރޮގްރާމްގެ ދަށުން، ވަކިވަކި މަސައްކަތްތަކަށް ހާއްސަ ހުނަރުތައް ހުރި ފަރާތްތަކަށް ރަސްމީ ތައުލީމީ ނިޒާމަށް ވަދެވި މިދާއިރާތަކުން ސަނަދު ޙާސިލް ކުރެވޭނެ މަގުފަހިވެގެންދާނެއެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން، ދިވެހީންގެ ގަދީމީ ސަގާފީ ހުނަރުތައް ދިރުވައި އާލާކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި ދިވެހި ސަގާފަތުގެ މުއްސަނދިކަން ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ އިތުރުން، މި ދާއިރާތަކުން އުފެދޭ ޒުވާން މަސައްކަތްތެރީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، ގައުމީ އިގްތިސާދަށް ވެސް ފައިދާ ކުރާނެއެވެ. މިއީ ދިވެހިރާއްޖޭގެ މުއްސަނދި ތަރިކަ ރައްކާތެރިކޮށް، ހުނަރުވެރި ދިވެހި ޖީލެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.