ދިވެހި ބަހުގެ އެކަޑަމީން ކުރިއަށް ގެންދިޔަ އަދަބީ ހަތަރު މުބާރާތަކާއި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ.

މި އަހަރު ދިވެހި ބަހުގެ އެކަޑަމީން ވަނީ، އަދަބީ 4 މުބާރާތަކާއި އަތުލިޔުމުގެ މުބާރާތެއް ބާއްވާފައެވެ. އެގޮތުން މަޒުމޫނު ލިޔުމުގެ މުބާރާތުގައި 1099 މީހުން ބައިވެރިވެފައިވާއިރު، ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 1024 މީހުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، ޅެން ހެދުމުގެ މުބާރާތުގައި 526 މީހުން ބައިވެރިވެފައިވާއިރު، ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި 298 މީހުން ބައިވެރިވެފައިވެއެވެ.

މިއާއެކު، މި މުބާރާތްތަކުގައި މުޅި ޖުމްލަ 3000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތްތައް ކުރިއަށް ގެންގޮސްފައިވަނީ، ދަށު ސާނަވީ ބަޔާއި، ސާނަވީ ބަޔާއި، މަތީ ސާނަވީ ބައިގެ އިތުރުން 18 އަހަރުން މަތީގެ އަމިއްލަ ފަރާތްތަކާއި، އޮފީސް، ކުންފުނި، ކުލަބު އަދި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ތަރިކައިގެ ދާއިރާއަށް ތަރައްޤީ ނުގެންނަ މިންވަރަށް މި ސަރުކާރުން ތަރައްޤީ ގެނެސްދީފައިވާ ކަމަށާއި، އަންނަ އަހަރު މިދާއިރާއިން އިތުރު މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށެވެ.

ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވެސް ވަނީ ދިވެހި ބަހާ ސަގާފަތާ ތަރިކައާއި ތާރީހު ކުދިންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތަކެއް ލިބިގަތުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ހަމައެކަނި ލިޔެފައިވާ ފިލާފަޅުތަކަކަށް ހަނިކުރެވިފައި އޮތް އޮތުން ރަނގަޅު ނޫންކަމަށާއި މި ގޮތް ބަދަލުކުރުމަށް ބައިވަރު މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.