ރީފްސައިޑްގެ އިޖާރާ ސުކޫކް އިފްތިތާހުކޮށްފި އެވެ.
މިޔަދު ރީފްސައިޑްގެ އިޖާރާ ސުކޫކް އިފްތިތާހުކުރުމަށް ވަނީ ހަފްލާއެއް ބާއްވާފައެވެ.
އެގޮތުން މި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންޑިރެކްޓާ އަދި ސީއީއޯ އައުޝަން ލަތީފު ވިދާޅުވީ މިއީ ދިވެހިރައްޖޭގެ ކެޕިޓަލް މާކެޓަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
މީގެ އިތުރުން އިޖާރާ ސުކޫކް އެއް އިފްތިތާހުކުރުމަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މާކެޓަށް ރީފް ސައިޑް އިން އިތުބަރުކުރާ މިންވަރު ޔަގީން ކޮށްދޭ ކަމެއްކަމަށް ވިދާޅުވިއެވެ.
އެގޮތުން ރެގިއުލޭޓްރީ ކަންކަން ފުރިހަމަކޮށް ލިސްޓް ކުރުމުގެ ހުއްދަ ހިމެނޭ ގޮތަށް ބޭނުންވާ ހުރިހާ ހުއްދަތަކެއް ހޯދާ މި ސުކޫކު މާކެޓަށް މިހާރު ހުޅުވާލާފައިވާކަމަށް އައުޝަން ވިދާޅުވިއެވެ.
2022 ވަނަ އަހަރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އިން ވިއެނަ ބޯޑެއް އިފްތިތާހުކުރި އިރު މަގުސަދު ވަރަށް ސާފުކަން ފާހަގަކުރައްވާ އައުޝަން ވިދާޅުވީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އިން ބޭނުންވީ ކެޕިޓަލް މާކެޓްގެ ހަރަކާތްތެރިކަން އިތުރުކޮށް ބައިވެރިވުންވެސް އިތުރުކޮށް މާކެޓް އިތުރަށް ފުޅާވެގެންދިޔުންކަމަށެވެ.
މީގެ އިތުރުން އައުޝަން ވިދާޅުވީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަކީ 17 އަހަރުގެ މާކެޓެއްކަމަށެވެ. އަދި ކުރިންވެސް ޕްރައިވެޓް ކުންފުނިތަކުން ފައިސާ ހޯދަން އިތުރު ގޮތްތައް ބޭނުންވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އައުޝަން ފާހަގަކުރެއްވިއެވެ.
އެގޮތުން ވިއެނައަކީ ދަރަނީގެ ވަސީލަތްތައް ލިސްޓުކޮށް ހިއްސާގެ ބާޒާރުން ފަސޭހަކަމާއެކު ކެޕިޓަލް އިތުރު ކުރެވޭނެ ނިޒާމެއްކަމަށް އައުޝަން ފާހަގަކުރެއްވިއެވެ.
ހަމަ މިއާއެކު 100 އިންވެސްޓަރުންނާއެކު ފެށި ނަމަވެސް އަމާޒަކަށް ވީ ހިއްސާގެ ބާޒާރު މެދުވެރިކޮށް ދިވެހިރާއްޖޭގެ މާލީ ދާއިރާއަށް ކުރިއެރުންތަކެއް ހޯދައިދިނުން ކަމަށް އައުޝަން ވިދާޅުވިއެވެ.
މީގެ އިތުރުން އައުޝަން ވިދާޅުވީ ވިއެނަ އިފްތިތާހު ކުރުމަށްފަހު 3 އަހަރު ވީ އިރު މިހާރު 9 އިންސްޓްރޫމެންޓް އެއް ލިސްޓުކުރެވިފައިވާކަމަށެވެ. އެގޮތުން ލިސްޓުކުރެވިފައިވަނީ 6 ކޮންވެންޝަނަލް ބޯންޑާއި 3 ސުކޫކު އިންސްޓްރޫމެންޓެއް ކަމަށް އައުޝަން ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު މި އިޝޫއެންސް ތަކުގެ ޒަރިއްޔާއިން އެކި ކުންފުނިތަކަށް 500 މިލިއަނަށްވުރެ ގިނަ ފައިސާ އިތުރު ކޮށްފައިވާނެކަމަށާއި ކެޕިޓަލް މާކެޓުގައި ކުރިން ތަމްސީލު ކޮށްފައިނުވާ އެތައް ދާއިރާތަކެއް ވިއެނަ މެދުވެރިކޮށް ތަމްސީލުކޮށްފައިވާނެކަމަށް އައުޝަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރީފްސައިޑް އިން ދިގު މުއްދަތުގެ ކޮމިޓްމަންޓާއެކު އިޖާރާ ސުކޫކް އެއް ނެރުމަކީ ހާއްސަ ރަމްޒީ މާނައެއްކަން ފާހަގަކުރައްވާ އައުޝަން ވިދާޅުވީ މި ފިޔަވަޅަކީ މުހިއްމު ފިޔަވަޅެއްކަމަށެވެ.
މިކަމުގެ ސަބަބުން އިންވެސްޓަރުންނަށް ގިނަ ފައިދާތަކެއް ވާނެ ކަމަށް އައުޝަން ފާހަގަކުރެއްވިއެވެ.
ހަމަ މިއާއެކު މިފަދަ ސުކޫކްތަކުގައި ރިސްކު ތަކެއް ވާނަމަވެސް އިންވެސްޓަރުންނަށް އޮތް އެންމެ ބޮޑު އިތުބާރަކީ މިކަން މި ކުރެވެނީ ރެގިއުލޭޓް ކޮށްފައިވާ މިންގަނޑެއްގެ ތެރިން ކަން ކަަމށާއި މިކަން ކުރާނީ ޓްރާންސްޕޭރެންޓް އިންތިޒާމެއްގެ ތެރެއިން ކަމަށް އައުޝަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިންވެސްޓަރުން މިކަމާ މެދު ވިސްނާ ހިޔާލުކުރުމަށް އެދޭކަމަށް އައުޝަން ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި ހުރި ފުރުސަތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އައުޝަން ވަނީ އިލްތިމާސްކުރައިވާފައެވެ.