ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް އދ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އެސަރަހައްދަށް މިރޭ 11:30 އާ ހަމައަށް ވައިޓް އެލާޓް ނެރޭކަމުގައެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް ބުނެފައިވެއެވެ.

އަނެއްކޮޅުން މިއަދު، ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ވަނީ އިލްތިމާސްކޮށްފައެވެ.

އެންޑީއެމްއޭއިން ބުނީ ވިއްސާރަވެ ވައިގަދަވުމާއި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރާކަމުގައެވެ. އެގޮތުން ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ ފަދަ މުދާ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލުކުރުމަށާއި ދަތުރަށް ނިކުންނައިރު ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.