ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާގެ ދަށުން މިހާތަނަށް 1 މިލިއަން ގަސް އިންދާފައިވާކަމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެފިއެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަކީ، ރާއްޖޭން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް، މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޑިސެމްބަރ 18 ވީ ބުރާސްފަތި ދުވަހާ ހަމައަށް މި ޕްރޮގްރާމްގެ ދަށުން ވަނީ 1 މިލިއަން ގަސް އިންދާފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގުރާމެވެ. މިޕްރޮގުރާމުގެ ދަށުން 6.4 މިލިއަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބޮޑަށް އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން، ރާއްޖެއިން ނެތެމުންދާކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، އިންދުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.