ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެޕާޓީން ބުނެފިއެވެ.
ކައުންސިލު އިންތިޚާބުގެ ޓައިމްލައިން އެމްޑީޕީން އާންމުކޮށްފައިވާއިރު ޓައިމްލައިންގައިވާ ގޮތުން ޕްރައިމަރީ ބާއްވާނީ ޖެނުއަރީ މަހުގެ 30 ވާ ހުކުރު ދުވަހުގެ މެންދުރު ފަހު 2:30ން އެރޭ 8 ޖެހުމާ ހަމައަށެވެ.
ޕްރައިމަރީތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ލިސްޓް އާންމުކުރާ ގޮތަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 22 ވާ ހޯމަދުވަހުއެވެ. އަދި 24 ގަޑިއިރުގެ މުއްދަތެއް ލިސްޓަށް ޝަކުވާ ހުށަހަޅަން ލިބޭނެއެވެ. އެއަށްފަހު ދާއިމީ ލިސްޓު އާންމުކުރާނީ ޑިސެމްބަރ 23 ވާ އަންގާރަ ދުވަހުކަމަށް އެޕާޓީން ބުނެއެވެ.
24 ޑިސެމްބަރ ގައި 30 ނޮވެމްބަރ ގައި އިއުލާންކުރި ވޯޓުލާ މީހުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް 3 ދުވަހުގެ މުއްދަތެއް ދޭނެއެވެ. އަދި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓް އާންމުކުރާ ގޮތަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހުއެވެ.
ކައުންސިލު އިންތިޚާބު ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން އާންމުކުރަމުންދާއިރު އެންމެ ފޯރިގަދަކޮށް ދާނެކަމަށް ބެލެވެނީ މާލެ ސިޓީ މޭޔަރ ޕްރައިމަރީ އެވެ. މާލޭގެ މިހާރުގެ މޭޔަރ އާދަމް އާޒިމް ވާދަކުރައްވާއިރު ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްވެސް ވަނީ މާލެ ސިޓީ މޭޔަރ ކަމަށް ވާދަކުރައްވާކަން ހާމަކުރައްވާ ކެމްޕެއިން ފައްޓަވާފައެވެ.