އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓު އައިޑީކާޑު ތަޢާރަފްކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާ ވަޒީރު ވަނީ ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާ ވާހަކަ ދައްކަވާފައެވެ.
އެގޮތުން ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކުގަ ސްމާޓު އަޑީކާޑެއްގެ ޒަރިއްޔާއިން ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.ޑިޖިޓަލް އިގްތިޞާދު ފުޅާކޮށް، 2030ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ.
ވަޒީރު ވިދާޅުވީ ވަން ގަވްގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ 17 އިދާރާއެއް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޑިޖިޓަލައިޒްވެއްޖެ ކަމަށެވެ.
ޑޭޓާ އެކްސްޖޭންޖް ލޭޔާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ދަލަތުގެ އެކި އިދާރާތައް ވަކިވަކިން ސިސްޓަމްތަކެއް ހަދައިގެން އޮޕަރޭޓް ކުރާ ކުރުން ނިމުމަކަށް އަންނާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމާއެކު، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ މޯލްޑިވްސް 2.0 މަޝްރޫޢުގެ ދަށުން ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.