ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ނިންމާލައިފިއެވެ.

ގޯތިތަކުގެ ގުރުއަތު އަލުން ނެގީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅުމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ވަނީ ދޫކޮށްފައެވެ. އެގޮތުން 3 ވަނަ ފިޔަވަހިން 7 ސައިޒެއްގެ 698 ގޯތީގެ ގުރުއަތުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ ގުރުއަތު ނިމުމުން، ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތު ފަހުން އާންމުކުރާނެކަމަށެވެ.

މިދިޔަ އަހަރުގެ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރެވިފައިވާ ގޮތުން، މިހާރު ބޭނުން ކުރަމުންދާ ބަނދަރުގައި މިވަގުތަށް ބޭނުންވާ އަދި މުސްތަޤުބަލުގައި އުޅަނދުފަހަރު ބަނދަރުކުރުމަށް އެކަށީގެންވާ ޖާގަ ނެތުމާއި ހުޅުމާލެ ދެ ފިޔަވައި ވަކިވާގޮތަށް ޕްލޭން ކުރެވިފައިވުމުން، ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ދަތިތައް ދިމާވާނެތީއާއި ތިންވަނަ ފިޔަވަހި އަބާދުކުރުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.