ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ރޭ، ހުޅުމާލެ ފޭސް 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ހުޅުމާލެ ފޭސް 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭ 20:30 ގައި ރެހެންދި ސްކޫލުގައި ކަމަށެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ބާއްވަވާ މި ބައްދަލުވުންތަކަކީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރަން ބޭނުންވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވާ ސިލްސިލާ ބައްދަލުވުން ތަކެކެވެ.

ރައީސް އޮފީހުން ވަނީ، މި ބައްދަލުވުމަށް ފޭސް 1 ގެ ރައްޔިތުންނަށް ޢާއްމުކޮށް ދައުވަތު އަރުވާފައެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ، މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ. އަދި ރައީސް އެންމެފަހުން ބައްދަލުކުރައްވާފައިވަނީ ފޭސް 2 ގެ ރައްޔިތުންނާއެވެ.