މިއަދު، ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ވަނީ ޅ އަތޮޅުން ފެށިގެން ވ އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ހަވީރު 4 ޖެހުމާ ހަމައަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އެހެންވެ އެންޑީއެމްއޭއިން ބުނީ ވިއްސާރަވެ ވައިގަދަވުމާއި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރާކަމުގައެވެ.
އެގޮތުން ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ ފަދަ މުދާ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލުކުރުމަށާއި ދަތުރަށް ނިކުންނައިރު ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.