ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

މި ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައިހުރި 140،000 ރުފިޔާގެ އަގުހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ހުޅުމާލެ ފޭސް 1 ޕޮލިސްގެ ޕެޓްރޯލް އެންޑް ރެެސްޕޮންސް އާއި އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން ވަގަށް ނަގާފައިވާ އިންޖީނު ވަނީ ހޯދާފައެވެ.

ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ، މިމައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޑިސެންބަރު 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައިފާސްކޮށެވެ. އެތަން ބަލައިފާސްކުރިއިރު، އިންޖީނު ބައެއް ބައިތައްވެސް ފެނިފައިވެއެވެ. އަދި ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ ބައު ދަނގަޑުގެ ގޮތުގައި ނުއަގުގަައި 1083 ރުފިޔާއަށް ވިއްކާލާފައިވަނިކޮށެވެ. އިންޖީނު މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވެއެވެ. އަދި މިމައްސަލަ ހުޅުމާލެ 1 ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކުރާ މުދާތައް ގިނަ ފަހަރަށް ހޯދާއިރު، އެތަކެތި ނުއަގުގައި އެހެން ފަރާތްތަކަށް ވިއްކާލާފައި ހުންނަކަން ވަނީ ފާހަގަކުރެވިފައިކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން މިފަދަ މުދާ ގަންނަ ފަރާތްތަކުން އެ މުދަލަކީ ވިއްކާމީހާ ކިހިނެތް ހޯދި މުދާކަން ކަށަވަރުކޮށް، އެ މުދަލެއް ވިއްކި ފަރާތުގެ ފުރިހަމަ މައުލޫމާތު ސާފުކުރުމާއި އެތަކެއްޗަކީ ވަގަށް ނަގައިގެން ވިއްކާ މުދަލެއް ނޫންކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

އަދި މުދާ ގަތުމުގެ ކުރިން އެ މުދަލަކީ ވައްކަން ކޮށްގެން ހޯދާފައިވާ މުދާ ނޫންކަން ކަށަވަރުކުރުމަކީ ގަންނަފަރާތުގެ ޒިންމާއެއްކަމަށްވާއިރު، އެފަދަ މުއާމަލާތްތައް ހިންގުމުގައި ފަރުވާކުޑަކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޅަވަޅު އަޅަމުންދާނެކަމަށްވެސް ފުލުހުން ބުނެއެވެ.