ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދުތައް ހުރީ 37.9 ބިލިއަން ރުފިޔާގައި ކަމަށާއި މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 43.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 12.7 އިންސައްތައިގެ ދަށްވުމެއް ކަމަށް ފިނޭންސް މިނިސްޓްރީޏް ޑިސެމްބަރު 11 ވަނަ ދުވަހާ ހަމައަށް އެކުލަވާލާފައިވާ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްއިން ދައްކައިފި އެވެ.
ފިސްކަލް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފްތާގައި ހަރަދުތައް އެންމެ ބޮޑަށް އިތުރުވީ ސަބްސިޑީތަކުގެ ސަބަބުންނެވެ. ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 3.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 6.5 އިންސައްތައިގެ ދަށްވުމެކެވެ.
ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ ރަނގަޅުވެ، ޖުމްލަ އާމްދަނީ ބޮޑުތަނުން ރަނގަޅުވެފައިވާއިރު، ސަބްސިޑީތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްދާ ކެޕިޓަލް ހަރަދުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 10.5 އިންސައްތައިގެ އިތުރުވުމެއް ކަމަށް ރިޕޯޓުގައިވެ އެވެ. ޓެކްސް އާމްދަނީގެ ތެރެއިން، ފާއިތުވި ހަފްތާގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނީ ފަތުރުވެރިކަމާ ގުޅުންހުރި ތަކެއްޗާއި ޚިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީއިންނެވެ.
ޓީޖީއެސްޓީ އިން 9.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 14.1 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމްލަ ޓެކްސް އާމްދަނީ 26.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 9.2 އިންސައްތައިގެ އިތުރުވުމެކެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ފާއިތުވި ހަފްތާގެ ނިޔަލަށް ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 1.9 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ހުރި 10.8 ބިލިއަން ރުފިޔާގެ ޑެފިސިޓާ އަޅާބަލާއިރު 82.5 އިންސައްތައިގެ ދަށްވުމެކެވެ.