ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4،000 ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓް މިހާތަނަށް ދެއްކި މީހުންގެ ފައިސާ ކުލިން އުނިކޮށްދޭގޮތަށް ނިންމައިފި އެވެ.

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެފްޑީސީ ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށްދެއްވާނެކަން އިއުލާންކުރައްވާފަ އެވެ.

އެފްޑީސީން ފޭސް 2 ގައި އިމާރާތް ކޮށްފައިވާ 32 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. އޭގެތެރެއިން ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާއެކު، މަހަކު 8،000ރ. ދައްކަން ޖެހޭއިރު، ތިން ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނަންސް ފީއާއެކު، މަހަކު ދައްކަން ޖެހެނީ 10،500ރ. އެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތަކަށް 15،000ރ. އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް 25،000ރ. ދައްކަންޖެހެ އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ ތިން ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 8،500ރ. އުނިކޮށް، ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ދެ ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 6،000ރ. އުނިކޮށް، ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން ހަމަޖައްސައިދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމެނޭހެން ޖުމްލަ 10،000 ރުފިޔާ ދައްކަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި އަމާން އުދަރެސް އާއި އަމާން ދޯދިން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ތިން ކޮޓަރި ލިބުނު ފަރާތްތައް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 8،500 ރުފިޔާ އެވެ.

މީގެއިތުރުން، ދެ ކޮޓަރި ލިބުނު ފަރާތްތަކުން މަހު ކުލީގެ ގޮތުގައި 6000 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 7000 ރުފިޔާ ދައްކަންޖެހޭނެ އެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހޭނީ 6،000 ރުފިޔާ އެވެ.