ހުޅުމާލެ 2 ވަނަ ފިޔަވަހީގައި މިކްސްޑް ލަގްޒަރީ ރެޒިޑެންޝަލް މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއު ހަވާލުކުރުމުގައި އިސްކަންދޭނީ، ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް މޮޑެލްއަށް ކަމަށާއި، ނަމަވެސް އީއޯއައިތައް އެހެން މޮޑެލްތަކަށްވެސް ހުށަހެޅޭނެ ކަމަށެވެ. އަދި އޭގައި ދެ ފަރާތަށްވާނެ ފައިދާތަކުގެ ތަފްސީލު ހިމަނަން ޖެހޭނެ އެވެ.

މި މަޝްރޫއަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ، މަޝްރޫއު ހަވާލުކުރާނީ އެ ކުންފުނީގެ ވިޝަން އާއި މާސްޓަރޕްލޭން، އެންމެ ފުރިހަމައަށް ހިމެނޭ އީއޯއައިއަކަށް ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެޗްޑީސީން ބުނި ގޮތުގައި، އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބިޒްނަސް މޮޑެލް އާއި، ތަޖުރިބާއާއި ކޮންޓްރެކްޓަރުގެ ޓާމްތަކާއި، އެބައެއްގެ މާލީ ގާބިލުކަމުގެ އިތުރުން ސީއެސްއާރު ފަދަ ކަންކަމަށް ބަލާނެ އެވެ.

ލަގްޒަރީ ރެޒިޑެންޝަލް މަޝްރޫއު ކުރިއަށް ގެންދިއުމަށް ފޭސް 2 އިން 125،387 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފަ އެވެ. އެތަނުގައި 47 މީޓަރު އުހަށް އިމާރާތް ކުރެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

މި މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ވިޔަފާރި އުސޫލުން މިކްސްޑް ރެސިޑެންޝަލް ނުވަތަ، އަމިއްލަ ފަރާތްތަކުން ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ބިން ދޫކޮށް އެކި ކަހަލަ ވިޔަފާރި ކުރުމަށް ހާއްސަ އިމާރާތް އެޅުމަށްވެސް މީގެ ކުރިން އެޗްޑީސީން ހުޅުވާލާފައިވެ އެވެ.