ފުވައްމުލައް ސިޓީން މަސްބާނަން ނުކުމެ އުޅެނިކޮށް އިންޖީނު ހުއްޓުނު ދޯންޏަކުން 10 މީހުން ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި، "ސަވާރީ" ނަމަކަށް ކިޔާ އެ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު ލިބުނީ މިއަދު 15:50 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ މިކަމުގެ މައުލޫމާތު ފުވައްމުލައް ސިޓީ ޕޮލިހަށް ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް ލޯންޗުގައި ފުވައްމުލަކަށް ގެންގޮސްފައިވާކަމަށެވެ. އޭގެތެރޭގައި 7 އަންހެނުންނާއި ކުޑަކުއްޖެއް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން، އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު އެ ދޯނި ވެސް މިހާރު ފުވައްމުލަކަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެ އެވެ.

އިންޖީނު ހުއްޓުނު ސަވާރީ ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.